އައްޑޫ ސިޓީގެ ހަތްސަތޭކަ ފަންސާސް މީހުން ޕީޕީއެމްއާ ގުޅިއްޖެ

އައްޑޫ ސިޓީން 750 މީހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)އާއި ގުޅިއްޖެ އެވެ.

ސްޓެލްކޯގައި “އައްޑޫ ޔަގީން”ގެ ނަމުގައި ބޭއްވި ޖަލްސާއެއްގައި، ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާއި ޕީޕީއެމްގެ ފަރާތުން ހަވާލުވެވަޑައިގަތީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު، ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ރައީސް ޔާމީން މި ޙަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމް އަށް 100.000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާ ބާރަށް ކުރިޔަށް މިދަނީ އެންމެން ގުޅިގެން ޕާޓީގެ ތަރައްޤީއަށް މަސައްކަތް ކުރައްވާތީއެވެ. އަދި ޕީޕީއެމްއަކީ ވަކި މީހަކު ފަހަތުން ދުވާ ޕާޓީއެއްގެ ބަދަލުގައި އެންމެން އެކުގައި މަސައްކަތް ކޮށްގެން ކުރިއަރުވާނެ ޕާޓީއެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ އެ ޕާޓީއަށް އައްޑޫ ސިޓީން ގިނަ ފޯމުތަކެއް ޙަވާލު ކޮށްފައިވާ އިރު، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ބަޔަކު އައްޑޫސިޓީ އިން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމުގައެވެ. އަދިހަމައެހެންމެ، އައްޑޫ ސިޓީއަކީ ޕީޕީއެމް އާއި އަދި ސަރުކާރާ އަބަދު ވެސް ވަރަށް ގާތް ތަނެއް ކަމަށާއި އައްޑޫ އިން ގިނަ ޒުވާނުންތަކެއް އަލަށް ޕީޕީއެމްއާ ގުޅުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި މަޖިލީސް މެމްބަރުން އަދި ސަރުކާރަށް ތާއީދު ކުރާ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.