ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ދެކޮޅަށް ނަގާ ވޯޓު ކާމިޔާބެއްނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ﷲގެ އިރާދަފުޅުން ފަސޭހަކަމާ އެކު ނާކާމިޔާބު ކޮށްލާނެކަމުގައި ޕީ.ޕީ.އެމްގެ ފަރާތުން ބޭއްވި ޕްރެސްކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ވިދާޅުވެއްޖެއެވެ.

ނިހާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މަޖިލިސް އިތުރަށް ހަލަބޮލި ކުރުމުގެ ބޭނުމުގައި ކަމަށާއި، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދުވެލި މަޑުޖައްސާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާންގެ އިތުރުން މި ކޮންފަރެސްގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވެފަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އެގެންދާ މަސައްކަތް ނާކާމިޔާބު ކޮށްލާނެކަމަށެވެ.

މި ކޮންފަރެސްގައި ބައިވެރިވެ ވަޑައިގެންފައިވަނީ، މި ޕާޓީގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކު، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޟް ރަޝީދު، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް، މި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް، އެމް.ޑީ.އޭގެ ޑެޕިއުޓީ ލީޑަރ އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފުގެ އިތުރުން ޑީ.އާރު.ޕީގެ ލީޑަރ މުޙައްމަދު ނަޝީދު (ކާނަލް)އެވެ.