ޕީ.ޕީ.އެމްގެ ޓީމެއް އައްޑޫ ސިޓީގައި ޙަރަކާތްތެރިވަމުން އެބަގެންދަވާ

މި ހިނގާ މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް ވަޑައިގެން ޓީމުގެ ފަރާތުން މިފަހަރުގެ ލޯކަލް ކައުންސިލަށް އައްޑޫ ސިޓީގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. އަދި އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ މަޢުލޫމާތުތައް އެސިޓީގެ ރައްޔިތުންނައް ހާމަކޮށްދެއްވަމުންވެސް ގެންދަވައެވެ.

 

އައްޑޫ ސިޓީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މި ޕާޓީގެ ނައިބުރައީސް މޫސާ ޒަމީރު ވިދާޅުވީ “އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގުމަށް ކުރަންޖެހުނު ކޮންމެ ކަމެއް މިފަހަރު ކުރާނަން. ފުރޮޅަންޖެހުނު ކޮންމެ ގަލެއް ފުރޮޅާނަން” ކަމުގައެވެ. އަދި މިކަމަށްޓަކައި ޕާޓީގެ ހުރިހާ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

 

އައްޑޫ ސިޓީގެ ޙަރަކާތްތައް ކުރިއަށްދާއިރު، ޑޯޓުޑޯ ކެމްޕެއިނެއްގެ ގޮތުން އައްޑޫ ސިޓީގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާކަން އެކޮޅުގައި ޙަރަކާތްތެރިވަމުން ގެންދަވާ ޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވާފައި ވެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ ތެރެއިން ވަގުތުން ވަގުތަށް ޙައްލުކޮށްދެވެން ހުރިކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ވަގުތުން ޙައްލުކޮށްދެމުންވެސް ގެންދަވައެވެ.

 

އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ މަސައްކަތްތައްފެނި އެކަމާ ވަރަށް އުފާވެ ހިތްހަމަޖެހިގެންތިބިކަމުގައި އެސިޓީގެ ގިނަ ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ. އަދިހަމައެހެންމެ، މެޑަމް ފާތުންގެ ފަރާތުން އެސިޓީގެ އިޖުތިމާޢީ އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްދެމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، ރައީސް ޔާމީން އަދި މެޑަމް ފާތުންއަށް އެ ސިޓީގެ ގިނަ ރައްޔިތުން ޝުކުރުއަދާ ކުރަމުން އެކަން ފާހަގަކޮށްފައިވެއެވެ.

 

އައްޑޫ ސިޓީގައި ކުރިއަށް މިދާ ޙަރަކާތުގައި މިސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، މަޖިލިސް ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.