ޕީ.ޕީ.އެމް ގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ. އަދި ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު

ޕީ.ޕީ.އެމް ގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ. އަދި ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު

ޕީޕީއެމްގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް 6 ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މިއީ 23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި މުސްތަޝާރް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ތާއީދު ހޯއްދެވުމަށް ރަނިންގމޭޓް ޑޮކްޓަރ ޝަހީމް، ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިއްޔެ ހދ. ހަނިމާދޫއަށް ވަޑައިގަތުމުން އެރަށު ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އެމަނިކުފާނަށް ހޫނު ތަރުޙީބެއް ލިބިގެންދެއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ހދ. ހަނިމާދޫގައި ޑޯޓުޑޯ ގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވުމުގެ އިތުރުން  އެރަށުގައި ވަނީ ވަރަށް ފޯރިގަދަ ޖަގަހަ ޖަލްސާ އެއްވެސް ބާއްވާފައެވެ.

މި ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގެ ނޮޅިވަރަމް، ކުރިނބީ އަދި ކުޅުދުފުއްޓަށެވެ. މި ރަށްރަށުގައި ޢާއްމު ފަރާތްތަކާއި ވަކި ވަކިން ބައްދަލުކުރައްވާ ޖަގަހަ ބައްދަލުވުންތައް ކުރިއަށްގެންދަވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަތޮޅުގެ ރަށްތައް ކަމުގައިވާ ކުމުންދޫ، ވައިކަރަދޫ، ނައިވައިދޫ، އަދި ނެއްލައިދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ށ އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫއަށެވެ. މި ރަށް ރަށުގެ މެމްބަރުންނާއި ޢާއްމު ފަރާތްތަކާއި ބައްދަލުކުރައްވާ ޖަގަހަ ޖަލްސާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރަނިންމޭޓް ޑޮކްޓަރ ޝަހީމް، ރާއްޖޭގެ އެކި ކަންކޮޅުތަކައް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ސަބަބުން ޢާއްމުންގެ ތާޢީދާއި ކެމްޕޭންގެ ޖޯޝާ ފޯރި ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 06 ސެޕްޓެންބަރ 2018 ވާ ބުރާސްފަތި ދުވަހުއެވެ