ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފި


ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފިއެވެ.އެއަރޕޯޓް ހުޅުއްވައިދެއްވުމަށް ރަންވޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވަނީ މިއަހަރު ނިމުމުގެ ކުރިން އެއާޕޯޓްގެ ޓާރމިނަލްގެ މަސައްކަތް ނިމޭނެކަމަށް ވަޢުދުވެވަޑައިގަންނަވައިފައެވެ. އަދި މީގެ އިތުރުން ކުޅުދުއްފުއްޓަކީ އުތުރުގެ އިޤްތިޞާދީ ނާރެސްކަމަށް ވިދާޅުވެ، ކުޅުދުއްފުށި ސަރަޙައްދަށް ފަތުރުވެރިކަން ތައާރަފްވެ، މި ސަރަހައްދުން 3000 އެނދު ތަރައްޤީ ކުރެވި، ކުޅުދުއްފުށީގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންނަވައިފައެވެ.

ބޯ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށްވުރެ ދަތި އުދަނގޫކޮށް ފަސް އަހަރުގެ ޒަޢާމަތެއް ހޭދަކުރައްވާފައިވާ ރައީސެއް ނުހުންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ފަޑިޔާރުގޭގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ގާތްމީހުން ވެސް ޤާނޫނާ ޚިލާފަށް މިވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 23 ވަނަ ދުވަހު ރައްޔިތުން އެފަދަ ގޮތެއް އެމަނިކުފާނަށް ނުހެއްދެވުމަށް އެދިވަޑައިގަތެވެ. 23 ވަނަ ދުވަހަކީ ގައުމަށް ދަރަނި އަދާކުރަންޖެހޭ ދުވަސްކަމަށާއި އަދި ވޯޓު ދެއްވަންވީ އިސްލާމްދީނާއި ޤައުމިއްޔަތާއި މިނިވަންކަމާއި ތަރައްޤީއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.